
މީޑިޔާ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ރަޝިޔާގެ ރަނުގެ ރިޒަރވްގެ އަގު މިހާތަނަށް ދުވަހަކުވެސް ނުދާ މަތީ ދަރަޖައަކަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުން ހާމަކޮށްފިއެވެ.
ނޮވެމްބަރު 30 ގެ ނިޔަލަށް އެއްކުރެވުނު ހިސާބުތަކުން ދައްކާ ގޮތުގައި، މި ރިޒަރވްތަކުގެ ޖުމްލަ އަގު ވަނީ 310.72 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ މީގެ އަހަރެއް ކުރިއާ އަޅާބަލާއިރު 57 އިންސައްތައިގެ ކުރިއެރުމެކެވެ.
ރަޝިޔާގެ ސެންޓްރަލް ބޭންކުން ހާމަކުރާ ގޮތުގައި، މިދިޔަ ހަތަރު މަސް ދުވަހުވެސް ވިދިވިދިގެން ރަނުގެ ރިޒަރވްތައް އިތުރުވެފައިވެއެވެ.
މިހާރު ރަޝިޔާގެ ބައިނަލްއަޤްވާމީ ރިޒަރވްތަކުގެ 42 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ރަނުންނެވެ. މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ރަނުން ހިއްސާކުރި އެންމެ ބޮޑު މިންވަރެވެ. ރަނާއި ބޭރު ފައިސާ ހިމެނޭ ގޮތަށް، ޖުމްލަ ރިޒަރވްތައް މިދިޔަ އަހަރާ އަޅާބަލާއިރު 19 އިންސައްތަ އިތުރުވެ، 734.59 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
ވޯލްޑް ގޯލްޑް ކައުންސިލުން އެ ގައުމަކީ ތިންވަނަ ކުއާޓަރުގައި ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑަށް ރަނަށް އިންވެސްޓުކުރާ ޤައުމު ކަމަށް ރޭންކުކޮށްފައިވެއެވެ. ރަޝިޔާގެ ރިޒަރވްގައި 2,329 ޓަނުގެ ރަން އެބަހުއްޓެވެ. މިއީ އެމެރިކާ، ޖަރުމަނު، އިޓަލީ އަދި ފަރަންސޭސިވިލާތަށްފަހު ދެވަނަ އަށް އެންމެ ގިނަ ރަން ރިޒަރވްގައި ހިފަހައްޓާ ޤައުމުތަކުގެ ތެރޭގައި ރަޝިޔާ ހިމެނޭ މިންވަރެކެވެ.
މި ރޭންކިންގްގައި ހަވަނަ މަގާމުގައި އޮތީ ޗައިނާއެވެ. ޗައިނާގެ ރިޒަރވްގައި 2,303 ޓަނުގެ ރަން ހުރިއިރު، އެ ޤައުމުގެ ޖުމްލަ ރިޒަރވްގެ 7.68 އިންސައްތަ އަކީ ރަނުގެ އަގެވެ.
ދުނިޔޭގައި އެންމެ ގިނަ ރަން ރިޒަރވްގައި ހިފަހައްޓާ ޤައުމަކީ އެމެރިކާއެވެ. އެ ޤައުމުގެ ރިޒަރވްގައި 8,133 ޓަނަށްވުރެ ގިނަ ރަން ހުރިއިރު، އެއީ އެމެރިކާގެ ޖުމްލަ ރިޒަރވްގެ 80 އިންސައްތައެވެ.