-1765175192123.webp)
މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެ ސަރަޙައްދުގައި ޕާކިން ބިލްޑިންތަކެއް ތަރައްޤީކުރުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢާ ގުޅޭ ލިޔެކިޔުންތައް އިންޑިއާގެ ސަރުކާރަށް މިހާރު ފޮނުވާފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގައި 2 ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ޕާކިން ބިލްޑިން ތަރައްޤީކުރެވޭނެއެވެ. ވިލިމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ބްރިޖުން ވިލިމާލެއަށް ފައިބާ ހިސާބުގައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްޤީކުރާނީ ގިނަ ބަޔަކަށް ފަސޭހަ ވާނެ ސަރަޙައްދެއްގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ވިލިމާލެ ބްރިޖުން ފައިބާ ތަނުގައި ޕާކިން ބިލްޑިންއެއް އަޅާނެ. އެއީ ބްރިޖުން ވިލިމާލެއަށް ފައިބާއިރު އެތަނުގައި ޕާކު ކުރަންޖެހޭތީވެ. ހުޅުމާލެ ރަނގަޅު ލޮކޭޝަނެއްގައި އަނެއް ބިލްޑިން ތަރައްޤީކުރާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަގުމަތީގައި ޕާކް ކުރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް ސީދާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ޓްރެފިކް ޕޮލިސް މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމުންދާއިރު، މިކަމަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ޓްރެފިކް ޖޫރިމަނާ ބަހާލައިގެން ދެއްކުމުގެ އިންތިޒާމްވެސް ހަމަޖައްސާފައިވާއިރު، މިހާރުވެސް 1000 އެއްހާ މީހުން މި އުސޫލުގެ ދަށުން އެގްރީމަންޓް ހަދާފައިވެއެވެ.
މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ގެނައުމަށް ކުރައްވާ އިތުރު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މާލޭ މަގުތައް ރަނގަޅު ފެންވަރަށް ތަރައްޤީކުރުމަށް ފައިސާ ހަމަޖެހިފައިވާކަމަށެވެ. އެ މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ޑިޒައިންގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތް ފެށުމުގެ ކުރިން ކުރެވެން ހުރި މަސައްކަތްތައް މިހާރުވެސް ފަށާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން މާލޭ ބާޒާރު މަތި ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެސަރަޙައްދުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ރޯދަ މަސް ނިމެންވާއިރަށް ނިންމާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު އެ ސަރަހާއްދަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.