
މާލެ ސިޓީ ކައުންސިލްގެ މި ހަފްތާގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަކަށް ނުގެންދެވި ކެންސަލްކޮށްފިއެވެ. މިއީ ސިޓީ ކައުންސިލްގެ ޖަލްސާތައް ކޯރަމް ހަމަނުވެގެން ނުވަތަ އެހެނިހެން ސަބަބުތަކާހުރެ ކެންސަލްވާ ދެވަނަ ހަފްތާއެވެ.
މޭޔަރު އާދަމް އާޒިމް ޖަލްސާ ފެށުމަށްފަހު ވަނީ ޖަލްސާ ކުރިއަށް ގެންދެވޭނެ އަދަދަށް މެންބަރުން ހާޒިރުނުވާ ކަމަށް ވިދާޅުވެ ޖަލްސާ ނިންމާލައްވާފައެވެ. އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލް ޖަލްސާއަށް ހާޒިރުވީ ޖުމްލަ ހަތް ބޭފުޅުން ކަމަށާއި އޮންލައިންކޮށް އެއް ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ޖަލްސާ ކުރިއަށް ގެންދިއުމަށް 10 މެންބަރުން ބޭނުންވާއިރު، ހާޒިރުވީ ޖުމްލަ އަށް މެންބަރުން ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
"މިއަދުގެ ކޯރަމަކީ 10. އެހެންނަމަވެސް ހާޒިރުވެ ތިއްބެވީ ޖުމްލަ ހަތް ބޭފުޅުން. އޮންލައިންކޮށް އެއް ބޭފުޅަކު. އެހެންވީމަ ޖުމްލަ އަށެއް މިވަނީ. އެހެންވީމަ ކޯރަމް 10 އަކަށްވާތީވެ، ކޯރަމް ހަމަނުވާތީވެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެތީވެ މިއަދުގެ ޖަލްސާ އަޅުގަނޑު ނިންމާލަން،" މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ މިދިޔަ ހަފްތާގެ ޖަލްސާ ނިންމާލީ ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލަ މޭޔަރު އާދަމް އާޒިމް ޖަލްސާގައި ހާމަކުރެއްވުމާއެކު ހޫނުވެ ކުރިއަށް ނުގެންދެވިގެންނެވެ. މޭޔަރާއެކު މާލެ ސިޓީ ކައުންސިލްގައި ޖުމްލަ 18 މެންބަރުން ތިއްބަވާއިރު، މިދިޔަ ޖަލްސާއަށް ވެސް ހާޒިރުވެފައިވަނީ ޖުމްލަ އަށް މެންބަރުން ކަމަށް ފާހަގަކުރެވެއެވެ.
މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ބާއްވާއިރު، މިދިޔަ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު ވެސް ބައެއް ޖަލްސާތައް ކޯރަމް ހަމަނުވެގެން ކުރިއަށް ގެންދެވިފައި ނުވެއެވެ.