navLogo

ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން: ރައީސް

ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން - ޕޮޓޯ ރައީސް އޮފީސް
މަރިޔަމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަނަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މިބަދަލާއެކު ޖުޑީޝަރީ ހަޤީޤީ މާނައިގައި މިނިވަން ކަމާއެކު މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޖުޑީޝަރީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްދެއްވަމުންނެވެ. އެމަނިކުފާނު ވަނީ އަދުލު އިންސާފުގެ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަމަށް ތަކުރާރުކުރައްވާފައެވެ. ރައީސް ވިދާޅުވީ، ބަދަލު ހިފުމުގެ ރޫޙު އިސްކޮށް ސިޔާސީ އޮއިވަރުގެ ތެރެއިން ހިންގޭ އަނިޔާވެރި ޢަމަލުތަކަށް ޖާގަ ދިނުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ގޮތުގައި، މިމަގަށް މަސައްކަތް ކުރުމަށް ޝަރުޢީ ދާއިރާގެ އެއްވެސް ފަރާތަކަށް ސަރުކާރުން ނުފޫޒެއް ނުފޯރުވައެވެ. އެމަނިކުފާނު ޔަޤީންކަން ދެއްވީ، ސިޔާސީ މީހެއް ހައްޔަރުކުރަން އެއްވެސް ފަނޑިޔާރަކަށް އެމަނިކުފާނު ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކުން އެނގި ކަމަށް ނުބުނެވޭނެ ކަމަށެވެ.

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅިގެންދާތަން ފެނުމަކީ ޝަރުޢީ ދާއިރާގެ މިނިވަންކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޯޓުތައް ހަޤީޤީ މާނައިގައި މިނިވަންކޮށްދޭ ގޮތަށް ހުރިހާ ކަމެއް ހިންގަމުން މިދަނީ. އެކަން އެބަ ފެނޭ މިހާރު ޑްރަގުގެ މީހުންނަށް ފިޔަވަޅު އަޅާއިރު، ނޫނިއްޔާ އެހެން ކަހަލަ ޢަމަލުތައް ހިންގާފައި ތިބޭ ފަރާތްތަކަށް ފިޔަވަޅު އަޅާއިރު، ހުކުމްތައް ކުރާއިރު، ކުރީގައި އަޅުގަނޑުމެން ބިރުން ފިޔަވަޅު ނާޅައި ތިބޭތަން ފެނުނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ ޖުޑީޝަރީގެ މިނިވަންކަމަށް ކުރަން ހުރި މަސައްކަތްތައް ވަކި ތަރުތީބެއްގެ ތެރެއިން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިކަމުގައި އިޝާރަތް ކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކުރެއްވުމުގެ މަސައްކަތަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

"އިރާދަ ކުރެއްވިއްޔާ ޖުޑީޝަރީ މިނިވަން ވެގެންދާނެ. ކުރިއަށް އޮތްތާގައި އަޅުގަނޑު ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަންވެސް ބަދަލުކުރާނަން. އެކަމަށް ގެންނަ ޤާނޫނީ އިސްލާހުވެސް ހުށަހަޅާނަން. ކޮންމެ ކަމެއްވެސް އެކަމެއް އޮންނަ ތަރުތީބުން ކަންކަން ގެންދަން ޖެހޭނީ. ޖުޑީޝަރީ ހަޤީޤީ މާނައިގައި މިނިވަން ކަމާއެކު މަސައްކަތް ކުރާތަން ރައްޔިތުންނަށް ފެންނަން އެބަޖެހޭ. ދެން ހުންނަ ފިޔަވަޅުތައް އަޅާއިރުވެސް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ސެކްޓޯރަލް ބަޖެޓެއް ޝަރުޢީ ދާއިރާއަށް ހާއްސަކުރެއްވީ ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށެވެ. އަދި ދާދިފަހުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ތެރެއިން މިދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ވަނީ ގެނެސްފައެވެ.

Rate this article

Leave a Comment

Comments (0)