navLogo

އަމާން އުދަރެހުގައި ޖީޕީ ކްލިނިކެއް ތަރައްޤީ ކުރަނީ

އަމާން އުދަރެހުގައި ޖީޕީ ކްލިނިކެއް ތަރައްޤީ ކުރަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސްގެ ކްލިނިކެއް ތަރައްޤީކުރުމަށް ސޮއިކުރުން :ޕޮޓޯ އެފްޑީސީ
މަރިޔަމް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކެއް ތަރައްޤީކުރުމަށް ނިންމައި، މިކަމުގެ އެއްބަސްވުމެއްގައި ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެމެދު ވަނީ ސޮއިކޮށްފައެވެ. މި ކްލިނިކް ޤާއިމުކުރެވޭނީ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެހުގެ ޓަވަރެއްގައެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އަމާން އުދަރެހުގެ ޓަވަރު ހަޔެއްގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ކްލިނިކެއް ތަރައްޤީކުރެވޭނެކަމަށެވެ. މީގެ މަޤްޞަދަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތަކަށް ފަސޭހައިން access ލިބޭނެ ގޮތް ހެދުމެވެ.

ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް އިތުރަށް ވިދާޅުވީ، މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުމާލެ ހޮސްޕިޓަލުން ޖީޕީ ކްލިނިކެއް ހިންގަމުންދާ ކަމަށެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ކްލިނިކުން އިތުރު ޚިދުމަތްތަކެއް ލިބޭނެއެވެ. އެގޮތުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ބަރުދަން ބެލުމާއި ކައުންސެލިންގެ ޚިދުމަތް މި ކްލިނިކުން ލިބޭނެއެވެ. މީގެ އިތުރުން އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖީޕީ ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓްމަންޓް ލިބޭނެ ގޮތް ވެސް ހަމަޖެހޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ ފައިދާ ހަމަ ޔަގީނުން ވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ. އެއީ، ހޮސްޕިޓަލްތަކަށް ޖީޕީ ސަރވިސް ހޯދަން ވަޑައިގަތުމުގެ ބަދަލުގައި ޖީޕީ ކްލިނިކުން މި ޚިދުމަތް ހޯދާފައި އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖީޕީ ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓްމަންޓް ލިބޭނެ ގޮތް ވެސް ހަމަޖެހޭނެ،" އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.

Loading tweet...

މި ކްލިނިކް ތަރައްޤީކުރަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލެ ސަރަހައްދުގައި 6 ޖީޕީ ކްލިނިކް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުންނެވެ. އެއީ މާލޭގައި 4 ޖީޕީ ކްލިނިކާއި ހުޅުމާލޭގައި ތަރައްޤީކުރާ 2 ކްލިނިކެވެ. ހެންވޭރުގައި ޖީޕީ ކްލިނިކެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މަސައްކަތް ކުރަނީ، އެ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރު 16ގައި ހިންގާ ޖީޕީ ކްލިނިކުން 24 ގަޑިއިރަށް ޚިދުމަތް ދޭން ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ހުޅުވާފައިވަނީ މިިދިޔަ މަހުގައެވެ. މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޖީޕީ ކްލިނިކްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް އެފަދަ ސެންޓަރުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ހުޅުވި ފުރަތަމަ ޖީޕީ ކްލިނިކުން ޞިއްޙީ އާންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދެމުން ގެންދެއެވެ. މި ސެންޓަރުގައި އާންމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި ކުޑަކުދިންގެ ހެލްތު ކްލިނިކާއި ވެލްނެސް ކްލިނިކެއް ވަނީ ޤާއިމްކޮށްފައެވެ. އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭއިރު، ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދެއެވެ.

މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދެވޭނެއެވެ.

Rate this article

Leave a Comment

Comments (0)