navLogo

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 8 ލައްކައަށް ވުރެ ގިނަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 8 ލައްކައަށް ވުރެ ގިނަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި
psm new
މަރިޔަމް

ސްރީލަންކާއަށް ކުރިމަތިވެފައިވާ އުނދަގޫ ދަނޑިވަޅުގައި އެ ޤައުމަށް އެހީތެރިވުމަށްޓަކައި ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު، ޚާރިޖީ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ފައިސާ ހަވާލުކުރުން އޮތީ މިއަދުއެވެ.

މި އެހީ ޚާރިޖީ ވުޒާރާއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. ޚާރިޖީ ވުޒާރާގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެ ޤައުމަށް އެހީތެރިވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު މި ބޮޑު އެހީއަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެކެވެ.

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު، 37 މީޑިއާއެއް ގުޅިގެންނެވެ. މި ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓުނު ފަންޑު ފޮށިތަކާއި، ބީއެމްއެލްއިން ޚާއްސަކޮށް ހަމަޖައްސައިދިން އެކައުންޓު މެދުވެރިކޮށް އެތައް ބަޔަކު އެހީތެރިކަން ފޯރުކޮށްދިނެވެ. މި މަސައްކަތް ކުރިއަށްދިޔައީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްގެ ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށެވެ. ޓެލެތޯނަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ކުރީވެސް ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންނެވެ.

މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ދިވެހި ފުލުހުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ހަދިޔާކޮށްގެންނެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. މި ޓެލެތޯނުގެ މަޤްސަދަކީ މިފަދަ ދަނޑިވަޅެއްގައި އެކުވެރި އަވަށްޓެރި ޤައުމަކަށް ދިވެހިންގެ އެކުވެރިކަމާއި އެއްބާރުލުން ދެއްކުމެވެ.

Rate this article

Leave a Comment

Comments (0)