
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައި، ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނެކަމަށް ވިދާޅުވެއްޖެއެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ، ކޮރަޕްޝަނަކީ ޤައުމުގެ ތަރައްޤީއަށާއި، ޤާނޫނުގެ ވެރިކަމަށް ހުރަސްއަޅާ ނުރައްކަލެއްކަން ފާހަގަކުރައްވާ، އެކަމާ ދެކޮޅަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.
ރައީސްގެ މެސެޖުގައި، ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ޤާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭކަން ފާހަގަކުރެއްވިއެވެ. އަދި، ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާނެކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުޢާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫޢެއް ކަމުގައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓްގެ މައްޗަށް ރައީސްގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.
ރައީސްގެ މެސެޖުގައި، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ރޭވިފައިވާ ބައެއް މުހިންމު މަސައްކަތްތައްވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނާއި، ”ހިންމި“ ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތަޢާރަފްކުރުން ހިމެނެއެވެ. ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުންވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
އިޖްތިމާޢީ ޒިންމާދާރުކަމާއި، ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި، މަދަނީ ޖަމްޢިއްޔާތަކާއި، ޔޫ.އެން.ސީ.އޭ.ސީ.ގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޝުކުރު އަދާކުރެއްވިއެވެ. ނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަމައެކަނި ސަރުކޫރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަމަށާއި، އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެސެޖު ނިންމަވާލެއްވީ، ޤައުމަށް އަމާނާތްތެރިވުމާއި، އިޚްލާޞްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ޤައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވަމުންނެވެ. އަދި، ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ޤާއިމުކުރާ ޤައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ތަކުރާރުކޮށްދެއްވިއެވެ.