
މާލޭ ސަރަހައްދުގައި ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި 1964 އުޅަނދު ޕާކްކުރެވޭނެ ޖާގަ ގާއިމްކޮށްފިއެވެ. މި މަސައްކަތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ޕާކިންގެ ދަތިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ، ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުމެވެ. އެޗްޑީސީއިން ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލެއިން މިފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކަނޑައަޅާފައިވާ ވަގުތީ ޕާކިން ސަރަހައްދުތަކާއި އެތަންތަނުން ލިބޭ ޖާގަތަކަކީ:
1- މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ
2- ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ
3- ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ
4- ވިނަރެސް ސަރަހައްދު: 362 ޖާގަ
އެޗްޑީސީއިން ވިދާޅުވީ، މި ވަގުތީ އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހައި ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ރައްކާތެރިކަން އިތުރުވާނެ ކަމަށެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިން ތަކެއް ހެދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެޗްޑީސީއިން މައުލޫމާތު ދެއްވިއެވެ. މި ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެ ކަމަށްވެސް އެޗްޑީސީއިން ވިދާޅުވިއެވެ.